މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އަލަށް އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ވަނީ އެއަތޮޅު މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ފަށާފައެވެ. މިއާއެކު ބ. އަތޮޅުގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް ލިބޭނެއެވެ.
މާޅޮހުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށިފައިވާކަމަށާއި، އެގޮތުން ހަތް އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމްކުރެވިފައިވާކަމަށެވެ. އެއީ ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅެވެ.
"މިވަގުތު އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް އަޅުގަނޑުމެން މިވަނީ ތައްޔާރުވެފަ. ދެން ބާކީ އޮތް 7 އަތޮޅުގެ 33 ރަށުގައި ކުރިޔަށް އޮތް ދެތިން މަސްދުވަސްތެރޭ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކީ ނިންމާލުމަކީ އަޅުގަނޑުމެންގެ އަމާޒު" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އޭޓީއެމް މަޝްރޫއުގެ ސަބަބުން ބޭންކަށްވެސް ފައިދާތަކެއް ވަމުންދާކަމަށެވެ. އެގޮތުން އޭޓީއެމް މެދުވެރިކޮށް ބޭންކަށް ވަންނަ ފައިސާ އިތުރުވަމުންދާކަމަަށް އޭނަ ވިދާޅުވިއެވެ. މިއީ ގިނަ ރައްޔިތުންތަކެއް މާކީ ނިޒާމުގައި ބައިވެރިވަމުންދާކަމުގެ ހެއްކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
"މި ހިދުމަތާއެކު ބޭންކުގެ ބްރާންޗް ކައުންޓަރުން ހިދުމަތް ހޯދާ ކަސްޓަމަރުންވެސް ދަނީ މަދުވަމުން. އެހެންކަމުން މުވައްޒަފުންނަށް ކަސްޓަމަރުންގެ ގާތަށް ގޮސް ބޭންކުގެ އެހެނިހެން ހިދުމަތުގެ މައުލޫމާތު ދީ، ބެންކިން ނިޒާމަށް މީހުން އަހުލުވެރުކުރުވުމަށް މަސައްކަތްތައް ކުރެވޭނެ" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ 99.7 އިންސައްތަ މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ނަގުދު ފައިސާއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައްވެސް ވަނީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދީފައިކަމަށެވެ.