ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްް ކަމަށް ޖުމުހުރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ،2008 ގެ ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލް ޖުމްހޫރިއްޔާ ގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި . ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަމީ ހަގީގަތެއް ކަމަށެވެ.
"2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވެއެވެ. އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ކުރާފަރާތަށް މިޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ." ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި ދެކޭ ކަމަށެވެ.
"މަޖިލީހުން ގެންނެވި މި އިސްލާޙް ރައީސް ތަސްދީޤް ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުންކަމަށްވާތީ، އަޅުގަނޑު އެދެނީ އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ "ފެންނަނުފެންނަ" ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމެވެ. "
ގާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން އެންމެ ފައިދާ ބޮޑީ ރައްޔިތުންނަށް ކަމަށެވެ.ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތުލިބިގެންދާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ،މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާއި ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިޚާބާއި ގުޅުންހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެ ކަމަށެވެ.