ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށްޓަކައި, އިސްލާމީ މަރުކަޒާއި ސަލްޓަން ޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމަށް މަޝްވަރާކުރަން ފަށާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށްޓަކައި މެދު ޒިޔާރަތް މަގު ހުޅުވާލުމަށް ހުށައެޅުއްވީ މޭޔަރު އާދަމް ޢާޒިމް، ކައުންސިލްގެ ބުދަދުވަހުގެ ބައްދަލުވުމުގައެވެ.
މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށްވެސް ލުއިތަކެއް އަންނާނެ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.
މި ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއްކަމަށް އާންމުންވެސް ދެކެއެވެ. އެގޮތުން، މިދިޔަ ޖުލައި މަހު، ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ މި ކަމަށް އެދިފައެވެ.
މިކަމާ ގުޅިގެން އާޒިމް ވަނީ ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޝްވަރާގެ މަތިން، މެދު ޒިޔާރަތް މަގު ހުޅުވާޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޓަކައި ސިޓީ ކައުންސިލުން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރުމަށް ނިންމާފައިވާ ކަމެކެވެ.
މެދު ޒިޔާރަތް މަގަކީ ކުރިން ވެހިކަލްތަކަށް ހުޅުވާލާފައި އޮތް މަގެކެވެ. ނަމަވެސް ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެމަގުގައިވެސް މާބްލް ޖަހައި ރީތިކޮށް، މަގަކީ ހިނގާފައި އުޅޭ މީހުންނަށް ހާއްސަ މަގަކަށް ހަދައި، ވެހިކަލްތަކަށް ބަންދުކުރީއެވެ.
މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައަކީ، ދުވަހުން ދުވަހަށް ގޯސްވަމުންދާ މައްސަލައެކެވެ.