މާލޭގައި ހުންނަ ބަންޑާރަ މިސްކިތް ތަޅާލުމަށް ގަސްތުކުރެއްވީ، އެ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނަކަށް ނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން، މިނިސްޓަރު ވަނީ އެ މިސްކިތް ތަޅާލުމަށް ފަހު، ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާ ކަމަށް އިއުލާނުކުރައްވާފައެވެ. އެހެންނަމަވެސް ގަރުނެއް ވާން ކައިރިވެފައި ހުރި މިސްކިތް ތަޅާލުމާއިމެދު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮނޑުވުން ފާޅުކޮށްފައެވެ. މިނިސްޓަަރު ޝަހީމް ' އެކްސް" ގައި ހިއްސަކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ގަސްތުކުރީ،ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނާފަ އޮންނަ މިސްކިތެއްނޫންވީމާ، ކަމަށެވެ.
"މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން."
ބަންޑާރާ މިސްކިތް ނުވަތަ މަސްޖިދުއްސުލްތާން މުހައްމަދު ޝަމްސުއްދީން މިސްކިތަކީ 98 އަހަރުވެފައިވާ މިސްކިތެކެވެ. ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހު ދީދީ ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި،މި ފަދަ ތަނެއް ނައްތާލުމަކީ، ތާރީހަށް ދެވޭނެ އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ކަމަށެވެ.
މިކަމާއި ގުޅިގެން މިނިސްޓަރު ޝަހީމް އާއި ނާޖިހު ވަނީ ސޯޝަލް މީޑިއާގައި ބަހުސްކުރައްވާފައެވެ.