ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެ މަނިކުފާނު ފުރިހަމައަށް ޤަބޫލުފުޅުކުރައްވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހުތަކުގެ ސަބަބުން ލިބޭނީ އިތުރު ބާރުވެރިކަން ކަމަށެވެ.
ރައީސްގެ ވާހަަކަފުޅުގައި، ލާމަރުކަޒީ ގާނޫނަށް ގެންނަ މުހިންމު ހަތަރު ބަދަލެއްގެ ވާހަކަ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައި ވެއެވެ. އަދި އެ އިސްލާހުތަކަކީ މާލީ ބާރުވެރިކަން ނިގުޅައިގަންނަ އިސްލާހުތަަކެއް ކަމަށް 50 އަށް ވުރެ ގިނަ ކައުންސިލާއި، އިދިކޮޅު އެމްޑީޕީން ދެކެމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރިކުރުމާ ގުޅޭ ގޮތުން އިސްލާހު ގެނައީ ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ހިމާޔަތްކުރުމަށް ކަމަށެވެ. ފެނާއި ކަރަންޓު ފަދަ އަސާސީ ބޭނުންތަކަށް ދޫކުރާ ބިންތަކުން ނަގަމުންދާ ކުއްޔަށް ބަދަލުގެނައީ، ކުލި ނެގީމާ ރައްޔިތުންނަށް ދޭ ހިދުމަތް އަގު ބޮޑުވެގެންދާތީ ކަމަށެވެ.
ރައީސް ވިދާޅުވީ، އާމްދަނީ ހޯދަން ކަންކަން ކުރާއިރު އެ ވިޔަފާރިން ލިބޭ ފައިދާ އިން ޓެކްސް ދައްކަން ޤާނޫނުން ލާޒިމްކުރާ އިރުވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ނުދައްކާ ކަމަށެވެ. އެހެންކަމުން ގެންނަ އިޞްލާޙުގެ ސަބަބުން ޓެކްސްދައްކަން ކައުންސިލްތަކަށް ލާޒިމްވާނެ ކަމަށެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުން ބާރުވެރި ކުރުވަން ކަމަށާއި، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދޭން ކަމަށެވެ.
ހަތަރުވަނަ އިސްލާހަކީ ކައުންސިލްތަކުގެ އެކައުންޓުތަކުގައި ހުންނަ ފައިސާގެ މައުލޫމާތު ހާމަނުކުރާތީ ގެނައި އިސްލާހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އިސްލާހުގެ ސަބަބުން އެކައުންޓަށް ޖަމާކުރާ ފައިސާގެ މައުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހިއްސާ ކުރަން ޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.