ބ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތާއެކު ސިއްޙީ ނިޒާމު ކުރިއަރާނެ: މިނިސްޓަރ

-

ބ. އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތާއެކު ސިއްޙީ ނިޒާމު ކުރިއަރާނެ: މިނިސްޓަރ

SHARE

ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވީ ބ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އެ ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިނިސްޓަރ މި ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހުން ބ. އަތޮޅަށް ކުރެވޭ ދަތުރުފުޅުގެ ތެރެއިން ދެއްވާފައިވާ އިންޓަވިއުއެއްގައެވެ. މިނިސްޓަރ ވިދާޅުވީ ބ.އަތޮޅުގައި ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޞިއްޙީ ޚިދުމަތްދޭ އިމާރާތުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އައު ހޮސްޕިޓަލާއެކު މި މައްސަލަ ހައްލުވެގެންދާއިރު ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމްއެވެ. ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.

540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި މަސައްކަތުގެ އަގަކީ 181.7 މިލިޔަން ރުފިޔާއެވެ. މި ޕްރޮޖެކްޓާ ގުޅިގެން ބ. އަތޮޅުގެ ސިއްޙީ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްޤީވެ، އެ ސަރަޙައްދުގެ އާބާދީއަށް ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.