ޔަންމާއާއި ގުޅިގެން ތައްޔާރުކުރި އާރުއެސްޑަބްލިއު ސިސްޓަމް މިމަހު ޓެސްޓުކުރަނީ

img_md_202009121200411599894041.7225

ޔަންމާއާއި ގުޅިގެން ތައްޔާރުކުރި އާރުއެސްޑަބްލިއު ސިސްޓަމް މިމަހު ޓެސްޓުކުރަނީ

SHARE

ދުނިޔޭގެ މަޝްހޫރު ކުންފުނި ޔަންމާއާއި، ރާއްޖޭގައި ހަރަކާތްތެރިވާ ޔަމަހާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެމްޓީސީސީއާއި ގުޅިގެން، ރާއްޖޭގެ ބާޒާރަށް ޚާއްސަކޮށް ތައްޔާރުކުރި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިއު ސިސްޓަމް) މިމަހު ފުރަތަމަ ފަހަރަށް ދޯންޏެއްގައި ޓެސްޓުކުރުމަށް ހަމަޖެހިއްޖެއެވެ.

އެމްޓީސީސީން އެންމެ ފުރަތަމަ މިޓެސްޓް ޓްރަޔަލް ކުރިއަށްގެންދާނީ ގދ. މަޑަވެލި ކަމަނަ ދޯނީގައެވެ. އާރުއެސްޑަބްލިއު ސިސްޓަމް މަރާމާތުކުރުމުގެ މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވާނީ ދިވެހި އިންޖިނިއަރުންނެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޑިޕާޓްމަންޓް މެނޭޖަރ އައިޝަތު ފައިހާ ވިދާޅުވީ، އެމްޓީސީސީން ރާއްޖޭގެ ބާޒާރުގައި ޔަންމާގެ އުފެއްދުންތައް ވިއްކާތާ 50 އަހަރު ވެފައިވާކަމަށާއި، މި 50 އަހަރު ތެރޭގައި ޔަންމާއާއެކު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ މާކެޓަށް ބޭނުންވާ އުފެއްދުންތައް ނެރުމަށްކަމަށެވެ.

 "އަޅުގަނޑުމެން 3 އަހަރު ކުރިން ޔަންމާއާއެކު ވާހަކަދައްކާފައި މަސައްކަތް ފެށީ ރާއްޖޭގެ މާކެޓަށް އާރުއެސްޑަބްލިއުއެއް އުފެއްދުމަށް. ޔަންމާގެ އިންޖިނިއަރުންނާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ގޮސް ރާއްޖެއަށް އާރުއެސްޑަބްލިއު ސިސްޓަމެއް އުފައްދައިގެން އަޅުގަނޑުމެން މާކެޓަށް ލޯންޗްކޮށްފައި މިމަސްތެރޭގައި އަޅުގަނޑުމެން ރާއްޖޭގެ އެންމެ ފުރަތަމަ ދޯނީގައި އެ ސިސްޓަމް އަޅުވައިގެން ޓްރަޔަލް ފަށާނެ. ގާތްގަނޑަކަށް މިބަލަނީ މިމަހުގެ މެދާއި ހަމައަށް އިންސްޓަލޭޝަން ނިމިގެން ޓްރަޔަލް ފެށޭނެކަމަށް. އެހެންކަމަށްވަންޏާ އަޅުގަނޑުމެންގެ މި ޓްރަޔަލް ފުރިހަމަކަމާއިއެކު ނިމިގެން ދިއުމަށްފަހު މާކެޓްގައި ކަސްޓަމަރުންނަށް މި ޕްރޮޑަކްޓް އެވެއިލަބަލްވާނެ." ފައިހަ ވިދާޅުވިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ހުސައިން ޝާޒް ވިދާޅުވީ، ދިވެހިންގެ އެކްސްޕަޓީސް އިތުރުކުރުމުގެ ގޮތުން މިހާރުވެސް އެމްޓީސީސީގެ އިންޖީނިއަރުން ޓްރެއިން ކުރަމުންދާކަމަށެވެ.

"އާރުއެސްޑަބްލިއު ސިސްޓަމްތައްވެސް ރިޕެއަރކުރާނީ ދިވެހި ޒުވާން އިންޖިނިއަރުން. އެވެސް ހަމަ ވަރަށް ފަޚުރުވެރިކަމާއިއެކު އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާކަމެއް. ނިމިގެންދާއިރު ރާއްޖެއަށް ދިވެހިންނަށް އަނެއްކާވެސް ގެނެސްދެވޭނީ އިތުރު ނޮލެޖެއް." ޝާޒް ވިދާޅުވިއެވެ.

އާރުއެސްޑަބްލިއު ސިސްޓަމްގެ އެންމެ ބޮޑު ތަފާތަކީ މިއީ ހަމަ ސީދާ ރާއްޖެއަށް ފޯކަސް ކުރެވިގެން ތައްޔާރުކޮށްފައިވާ ސިސްޓަމަކަށްވުމެވެ. އެގޮތުން ރާއްޖޭގެ ކަނޑުތަކާއި އުޅަނދުތަކާއި ގުޅޭނީ ކިހިނެތްތޯއާއި، ކޮން ސައިޒެއްތޯ ބަލާ ދިރާސާކޮށްފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މި ނިޒާމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ބެލެވެއެވެ.