މުޅި ދުނިޔެ ބަލައިގަންނަ ވަރުގަދަ ސިޔާސަތެއް ގާއިމްކުރެވިފައިވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރައްޔިތުން އެދޭ ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ޢަރަބި އަދި އިސްލާމީ ގައުމުތަކާއެކު ވަރުގަދަ ގުޅުންތައް ގާއިމްކުރެވި، ހާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި އެންމެ ވަރުގަދައަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިގެންދާކަން ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ސަބަބުން އިސްލާމީ އުންމަތުގެ ވަރަށް ބޮޑު ތަޢުރީފު ދިވެހި ޤައުމަށް ލިބިގެންދިޔަކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން، ގިނަ ބޭރު ގައުމުތަކުން ވެސް ޣައްޒާ އަދި ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލަން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޚަލީލް ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގަންނަ، އަރަބި ގައުމުތަކާއި އިސްލާމީ އުންމަތް ބަލައިގަންނަ ވަރުގަދަ ސިޔާސަތެކެވެ.