ހިއްކުމަށްފަހު ބޭނުންނުކުރެވި ހުރި ބިންބިމުގައި އަސާސީ ބިނާރު ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އޭދަފުށީގެ ހިއްކި ސަރަޙައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތް ގާއިމުކުރުމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ، ދުވަސްވީ މައްސަލައެއް ކަމަށެވެ. އެހެންކަމުން ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ ބިނާރު ގާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ޙައްލުކުރައްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި އަންނަ އަހަރުގެ ބަޖެޓު ހަދާއިރުގަ ޚާއްސަ ނިއު ޕޮލިސީ އިނީޝިއޭޓިވް ޕްރޮގްރާމެއް އެބަަ ހިމަނަން. ހިއްކާފަ ހުރި ބިންތަކަށް ބޭނުންވާ ޔޫޓިލިޓީސް ޤާއިމްކޮށްދިނުމާއި، އިންފްރާސްރަކްޗަރ ޤާއިމްކޮށްދިނުމުގެ މަޝްރޫޢު ހިމަނާފަ. އޭގެތެރޭގަ ހަމަ އިސްކަންދޭނީ ހަމަ އާބާދީއާއި ތަރައްޤީ އިސްފަސް ކުރެވޭނެ ރަށްތަކަށް. ދެން ހަމަ އާބާދީ ބޮޑެތި ރަށްތަކަށް. މިގޮތަށްގޮސް ތަރުތީބުކުރެވިގެންދާނެ. އޭގެތެރޭގަ މިރަށްހަމަ އެންމެ އިސްކަމެއްދީގެން މިއަހަރުވެސް ހަމަ މީޣެތެރެއިން ފެށެން އޮތް ބައެއް ފޭސެސް އޮތްތޯ ބަލާފަ ފަށާނަން. ފަށަން މަސައްކަތްކުރާނަން" ރައީސް ވިދާޅުވިއެވެ.
އޭދަފުށީގެ ތަރައްޤީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން، 1000 ހައުސިންގ ޔުނިޓު ޤާއިމުކުރުމުގެ މަސައްކަތުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވައި، މި ދައުރުގެ ތެރޭގައި ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރައްވާކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ޤާއިމުކުރެއްވުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރުގެ ތެރޭގައި ޔޫ.އެސް ޑޮލަރުގެ ޚިދުމަތް ދޭ އޭ.ޓީ.އެމް އެއް ޤާއިމުކޮށްދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އަލަށް ގޯތި ދޫކުރާ ސަރަޙައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، މި އަހަރާއި އަންނަ އަހަރު ވުނަކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭދަފުށި ވެސް ހިމެނޭހެން، ކޮންވެންޝަން ސެންޓަރުތައް ޤާއިމުކުރައްވާނޭކަމަށް ވަޢުދުވެވަޑައިގެންފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.