ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 34،000 އަށް ވުރެ ގިނަ ޓަނުގެ މުދާ އުފުލައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 25،262 ޓަނުގެ މުދާ އެތެރެކޮށް، 2،432 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. ޓްރާންސްޝިޕްމަންޓް މުދަލުގެ ގޮތުގައި 6،879 ޓަނުގެ މުދާ އުފުލާފައިވެއެވެ.
އޭގެ ތެރޭގައި އެއާ ޓު އެއާގެ 5،621 ޓަނުގެ މުދަލާއި، އެއާ ޓު ސީގެ 1،258 ޓަނުގެ މުދާ ހިމެނެއެވެ. އެއީ 12 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
މިއާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ 34،573 ޓަނުގެ މުދާ އުފުލާފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭ އެންމެ ގިނަ މުދާ އުފުލާފައި ވަނީ އެފްކޮމް މެދުވެރިކޮށެވެ. އެގޮތުން އެފްކޮމްއިން 112 ފްރައިޓާސް އޮޕަރޭޓްކުރިއެވެ. އަށާރަ ފްރައިޓާސް އޮޕަރޭޓުކޮށްގެން ދެވަނައަށް އެންމެ ގިނައިން މުދާ އުފުލީ ފްލައި ވާވުންނެވެ. މީގެ އިތުރުން އެމްޖެޓްސް އަދި ގަތަރު ކާގޯއިން ވެސް މުދާ އުފުލިއެވެ.