ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 600 އަށްވުރެ ގިނަ މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް އެއްބަސްވުން އެކުލަވާލުމަށްޓަކައި ފޮނުވާ ފައެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ. ސޮއިކުރުން އަވަސްކުރުމަށް ސިންތެޓިކް ޓްރެކް ސަރަޙައްދުގައި 10 ވަރަކަށް ކައުންޓަރުން ޚިދުމަތްދަނީ ފޯރުކޮށްދެމުންނެވެ.
މިފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ކޮށްފައިވާއިރު، މިހާތަނަށް 640 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ދިއުމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަނުން އަންގާނެއެވެ. ފްލެޓު ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތަކާއެކުވެސް އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ. މަސައްކަތް ނިންމާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ފްލެޓް ހަވާލުކުރުމަށް އަމާޒު ހިފާފައިވާކަމަށް އެފްޑީސީން ބުނެ އެވެ.