މާލެ ސަރަހައްދުން ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ގެއްލިގެން ރިޕޯޓުކޮށްފައިވާ 69 ސައިކަލު ޖޫން މަހު ހޯދާފައިވާ ކަމަށް ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ ތަކެތީގެ ތެރެއިން ޖޫން މަހު ޖުމްލަ 202 އެއްޗެއް ވަނީ ހޯދާފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސައިކަލެެވެ. އެގޮތުން ފުލުހުން ވަނީ 69 ސައިކަލާއި، މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ވެސް ހިމެނެ އެވެ. ފުލުހުން ހޯދާފައިވަނީ:
• 22 މޯބައިލް ފޯނު: 213،932.80 ރުފިޔާ
• 69 ސައިކަލު: 3،412،530 ރުފިޔާ
• ފައިސާގެ 43 މައްސަލަ: 935،972 ރުފިޔާ
• 12 އިލެކްޓްރޯނިކްސް: 168،850 ރުފިޔާ
• 56 އެހެނިހެން ތަކެތި: 179،225.80 ރުފިޔާ

މީގެ އިތުރަށް ޖުލައި މަހު ފުލުހުން ކުރި ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބުތައް ވެސް ފުލުހުން އާންމުކޮށްފައިވާއިރު ފުލުހުން ވަނީ މާލެ މަގުމަތިން 6،389 މީހުން ހުއްޓުވައި ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި 6،145 މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންނެވެ. އަދި 244 މީހުންގެ އެފަދަ ރިކޯޑެއް ނެތެވެ. މިދިތަ މަހު މާލެ ސަރަހައްދުން 11 ޕޮއިންޓެއްގައި ފުލުހުން ވިސިބިލިޓީ އަދި ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓް ގާއިމްކޮށްފައިވާއިރު 1196 ގަޑިއިރަށް ފައިމަގުގައި ޕެޓްރޯލްކޮށްފައިވެ އެވެ.