ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި ޓުއަރިޒަމް ފަންޑު ބަލަހައްޓަން 7 މެމްބަރުންގެ ބޯޑެއް އެކުލަވާލަން ޖެހޭ ގޮތަށް ޓުއަރިޒަމް ޓްރަސްޓް ފަންޑުގެ ގަވާއިދު އާންމުކޮށްފި އެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ގަވާއިދުގައި ވަނީ އެ ޓްރަސްޓު ފަންޑުން ކުރެވޭނެ ބޭނުންތަކާއި، އެ ފަންޑު މެނޭޖްކުރާނެ ގޮތް ބަޔާންކޮށްފަ އެވެ. އެ ގަވާއިދުގައިވާގޮތުން އެ ފަންޑު މެނޭޖްކުރާނީ ޓުއަރިޒަމް މިނިސްޓަރ ޓޫރިޒަމް މިނިސްޓްރު އައްޔަންކުރާ، ވަކި ދާއިރާތަކެއް ތަމްސީލުކުރާ ހަތް މެމްބަރުން ހިމެނޭ ބޯޑަކުންނެވެ. އެ ބޯޑުގައި މެމްބަރުން ހިމަނާ ދާއިރާތަކަކީ:
1- ރައީސް އޮފީސް.
2- ޓޫރިޒަމް މިނިސްޓްރީ.
3- ފިނޭންސް މިނިސްޓްރީ.
4- އިކޮނޮމިކް މިނިސްޓްރީ.
5- ބަންޑާރަ ނައިބުގެ އޮފީސް.
6- ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީ.
7- ޓެކްސް އިދާރާ، މީރާ
މި އިދާރާތަކުން ކަނޑައަޅާ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ. އަދި ކޮމިޓީގެ ޗެއާކަން ކުރައްވާނީ ޓުއަރިޒަމް މިނިސްޓަރެވެ. މީގެ އިތުރަށް މި ކޮމިޓީގެ އިދާރީ ކަންކަން ބެހެލެއްޓުމަށް ކޮމިޓީ އަށް ހާއްސަ ސެކްރެޓޭރިއޭޓެއް ޓޫރިޒަމް މިނިސްޓްރީން ގާއިމްކޮށްދޭން ޖެހެ އެވެ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު ބަހާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާއާއި އެ ނޫންވެސް ފައިސާ، ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ސީއެސްއާރުގެ ގޮތުގައި ފަންޑަށް ދޭ ފައިސާއާއި ފަންޑުން އުފައްދާ އިންވެސްޓްމަންޓުތަކުން ލިބޭ ފައިސާ އަދި އާންމުކޮށް އިއުލާނުކޮށްގެން ހުޅުވާ ބީލަންތަކުގައި ތަމްރީނުތަކަށް ދޭ ފައިސާ އެވެ.
މި ފަންޑުގެ ފައިސާ ޚަރަދުކުރެވޭ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ:
-
ޓޫރިޒަމް ތަރައްގީކުރަން ހިންގާ ހަރަކާތްތައް
-
ޓޫރިޒަމް ވަސީލަތްތައް ކުރިއަރުވަން އިންވެސްޓު ކުރަން
-
ޓޫރިޒަމް ސިނާއަތުގައި އުޅޭ މީހުންގެ ގާބިލުކަން އިތުރުކުރަން ތަމްރީން ޕްރޮގްރާމްތައް ހިންގަން
-
އާންމު އިޖުތިމާއީ ފައިސާ ލިބިދޭ ހަރަކާތްތަކަށް
ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު އެ އަހަރެއް ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސަށާއި ރައްޔިތުންގެ މަޖިލިހަށާއި މާލީ ވުޒާރާއަށާއި އޮޑިޓަރ ޖެނެރަލް އޮފީހަށް މިނިސްޓްރީން ހުށަހަޅަން ޖެހެ އެވެ.