އަގްސާ މިސްކިތުގެ ހުރުމަތްކެނޑި މައްސަލަ ކުށްވެރިކޮށްފި

އަލް މަސްޖިދުލް އަގްސާ---

އަގްސާ މިސްކިތުގެ ހުރުމަތްކެނޑި މައްސަލަ ކުށްވެރިކޮށްފި

SHARE

އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު މަސްޖިދުލް އަގްސާ އަށް ވަދެ، އެ ތަނުގެ ހުރުމަތް ކެނޑި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އީޓަމަރް ބެން ގްވީރް، ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ކުށްވެރިކުރާ ކަމަށް ބުނެފަ އެވެ.

އިސްރޭލުގެ މި އަމަލަކީ އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލައި، އެފަދަ ތަންތަނުގެ ތާރީޚު ބަދަލުކުރުމަށް ކުރަމުން އަންނަ ކަމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފަ އެވެ. މީގެ އިތުރަށް މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފުވާ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ އިޒްރޭލުން ކުރަމުން ގެންދާ ގައިރު ގާނޫނީ އަމަލުތަކާއި އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގާ އެންމެހާ އަމަލުތައް ވަގުތުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަކަށް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.

ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނޭކަންވެސް ބަޔާންކޮށްފައިވެ އެވެ.