ދުންފަތުގެ ބާވަތްތައް ވިއްކާ ވިޔަފާރިކުރުމަށް 200 އަށް ވުރެ ގިނަ ފަރާތައް ހުއްދަ ދީފި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި 1 ވަނަ އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލުކުރަން ފެށުމުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ ދޫކުރަނީ އެޗްޕީއޭއިންނެވެ.
އެ ހުއްދައަށް އެދުމުގެ ހުއްދަ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހަަށް ހަމަވެފައިވާއިރު، އެޗްޕީއޭއިން ބުނީ މިހާތަނަށް 209 ފަރާތައް އެ ހުއްދަ ދީފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ 767 ފަރާތަކުން ހުއްދަ އަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ވެރިފައިކޮށް ނިމިފައިވަނީ 652 އެޕްލިކޭޝަން ކަމަށް ބުނެފައިވެ އެވެ.
އޭގެތެރޭގައި ތެރޭގައި ޓޮބޭކޯ ވެންޑަރ ލައިސަންސް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަން ކުރުމަށް ހުށަހެޅި 15 އެޕްލިކޭޝަންގެ އިތުރުން ޓޮބޭކޯ އިމްޕޯޓް ލައިސަންސް އެދި ހުށަހެޅި 28 އެޕްލިކޭޝަން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެ އެވެ. ޓޮބޭކޯ ރޯ-އެކްސްޕޯޓު ލައިސެންސަށް އެއް ފަރާތަކުން ހުށަހެޅި ކަމަށް ވެސް ބުނެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ބުނީ 244 ފޯމެއް، އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަނުވާތީ ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އިސްލާހުކުރަންޖެހޭ ބައެއް ކަންކަން ހުރުމުން 177 ފޯމު މި ވަގުތު ހިފަހައްޓާފައިވާ ކަމަށެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ބުނީ ދުންފަތުގެ ވިޔަފާރިއަށް ހަތަރު ލައިސަންސެއް ބޭނުންވާ ކަމަށެވެ. މި ލައިސަންސްތައް ދޫކުރާނީ، އެކަމަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމުން ފަސް އަހަރަށް ކަމަށެވެ. ލައިސަންސް އާ ކުރަން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ހުށަހަޅަންޖެހެ އެވެ.