އޮޅުހިޔާގެ ކަރަންޓީން ޖާގަ 100 އަށް ބޮޑުކޮށްފި

އޮޅުހިޔާއަށް ބުޅާ ގެންދިއުމުގެ މަސައްކަތްކުރަނީ--- ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ
އޮޅުހިޔާއަށް ބުޅާ ގެންދިއުމުގެ މަސައްކަތްކުރަނީ--- ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ

އޮޅުހިޔާގެ ކަރަންޓީން ޖާގަ 100 އަށް ބޮޑުކޮށްފި

SHARE

މާލޭގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ގާއިމްކުރި އެނިމަލް ފެސިލިޓީ "އޮޅުހިޔާ" ގެ ޖާގަ 100 އަށް ބޮޑުކޮށްފި އެވެ.

މިނިސްޓްރީން ބުނީ އޮޅުހިޔާ ހުޅުވިއިރު، އެތަނުގެ ކަރަންޓީން ޖާގައިގައި ކަރަންޓީން ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތް ކަމަށެވެ. އޭރު ތަނުގައި ހުރީ އެންމެ 15 ކަރަންޓީން ޖާގަ އެވެ. މާލެ ތެރެއިން ނަގާ ބުޅާތައް ކަރަންޓީނުގައި ވަކި މުއްދަތެއް ބައިތިއްބަން ޖެހުމުގެ ސަބަބުން، ބުޅާ ގެންދިއުމުގައި ދަތިތައް ދިމާވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ އެކި ފަހަރުމަތިން ފެސިލިޓީގެ ޖާގަ ބޮޑުކޮށް، މިހާރު ކަރަންޓީނަށް އެކަނި 100 ޖާގަ ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އޮޅުހިޔާއަށް އިތުރު ބުޅާ ނެގުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 28 ދުވަހު އެވެ. އޭރު ކަރަންޓީނުގައި 34 ބުޅާ ތިބި ކަމަށް ބުނެ އެވެ. މާލެ އަށް ކުރި ވިއްސާރައިގެ ސަބަބުން މަސައްކަތް މެދުކެނޑުމަށް ފަހު މިއަދު އަނެއްކާ މަސައްކަތް ފެށި އިރު، މިހާރު އޭގެ ތެރެއިން 19 ބުޅަލުގެ ކަރަންޓީނު މުއްދަތް ނިމި ކޮއްޓަށް ވަނީ ދޫކޮށްފަ އެވެ.

މާލެ ސަރަހައްދުގެ މަގުތަކުން ޖުމްލަ 75 ބުޅާ މިހާރު ވަނީ އެ ފެސިލިޓީއަށް ނަގައިފަ އެވެ. މިއާއި އެކު އޮޅުހިޔާގައި މިހާރު ތިބީ 112 ކަމަށް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނީ މާދަމާ ވެސް މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ބުޅާ ނެގުމުގެ މަސައްކަތް ކުރިއަށްގެންދާން ކަމަށެވެ.