އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަން ފާސްކޮށްފި

file_pu9khj

އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަން ފާސްކޮށްފި

SHARE

އޮފީސް ހިންގުމަށް ކުރީގެ ރައީސުންނަށް ދައުލަތުން ދޭ ފައިސާ އުނިކުރަން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލު ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްކުރީ .. މެމްބަރުންގެ ވޯޓާއެކު އެވެ.

މި ބިލުގައި ހުށަހަޅާފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދޭ ބައެއް އިނާޔަތްތައް އުނިކުރުމަށެވެ. އެގޮތުން ކުރީގެ ރައީސުން އޮފީސް ހިންގުމަށް ކޮންމެ މަހަކު ދޭ 175،000 ރުފިޔާ އުނިކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި، ކުރީގެ ރައީސަކު ދައުލަތުގެ އެ ނޫންވެސް މަގާމަކަށް އައްޔަން ކުރެވިއްޖެނަމަ އެ މަގާމެއްގެ މުއްދަތުގައި ވެސް އިނާޔަތް އުނިކުރުމަށް ވެސް ވަނީ ހިމަނާފަ އެވެ.

މި ބަދަލާއެކު، އަންނަ އަހަރު 10،500،000 ރުފިޔާ ހަރަދުކުޑަކުރެވޭނެ ކަމަށް ބިލުގައި ލަފާކޮށްފައިވެ އެވެ.

ކުރީގެ ރައީސުންގެ ބައެއް އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 25،000 ރުފިޔާ ދިނުމަށް ވެސް މި ބިލުގައި އޮތެވެ. އެކަމަކު ކޮމިޓީން ވަނީ އެ އަދަދު 30،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފަ އެވެ. ނައިބުންނަށް ދޭ އިނާޔަތް ލިބެނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ކަމަށް ބިލުގައި އޮތް އިރު، އެ އިނާޔަތް ލިބިވަޑައިގަންނަވާނީ ހަމައެކަނި ފައިސަލް ނަސީމަށެވެ.

ނައިބުންނަށް ދޭ އިނާޔަތް ހިމެނުމުން އަންނަ އަހަރު އެކަމަށް 300،000 ރުފިޔާ އަދި ނައިބުންނަށް ދޭ ބޭސްފަރުވާގެ ޚަރަދަށް 700،000 ރުފިޔާ ޚަރަދުވާނެ ކަމަށް ބިލުގައި ލަފާކޮށްފައިވެ އެވެ.