ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މިކަންކުރަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިފައިވާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ.
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)އާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު." ރައީސުލްޖުމްހޫރިއްޔާ
ސިއްޙީ ދާއިރާ ރަނގަޅުކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައިވާ ކަމެއް ކަމަށާއި، މި ސަރުކާރުން އިންސާނީ ވަސީލަތް އިތުރުކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތުގެ ގޮތުން އެދާއިރާ ތަރައްގީކުރުމަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާރުވެސް 400 މިލިއަން ރުފިޔާއަށްވުރެ ގިނަ ސިއްހީ ދާއިރާގެ މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ ހޮސްޕިޓާތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ޚިދުމަތް ހޯދަން، ބޮޑު ތަކުލީފެއް އުފުލާފައި، ރާއްޖޭން ބޭރަށް ދިވެހި ރައްޔިތުން ދާދިއުން ނިމުމަކަށް ގެނައުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ. އަދި މާލެސިޓީ ހޮސްޕިޓާތައްވެސް ފެންވަރު ރަނގަޅުކުރަމުން ގެންދަވަނީ އެކަން ނިމުމަކަށް ގެނައުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހަތަށް ކުރެވޭ ހަގީގީ އިންވެސްޓްމަންޓަކީ ބަލިވުމުގެ ކުރިން ފިޔަވަޅުތައް އެޅުންކަމުގައި ފާހަގަކުރައްވައި، މި ސަރުކާރުން ޕްރިވެންޓިވް ހެލްތުކެއާއަށް އެހާ ސަމާލުކަންދެއްވަނީ މި ސަބަބާހުރެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ޑިޖިޓަލައިޒް ކުރައްވާނީ ސިއްހީ ދާއިރާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމުން ލިބޭނެ ފައިދާތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.