18 އަހަރުވެފައިވާ ރައްޔިތުންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެމްއެސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވިދާޅުވީ، 18 އަހަރުން މަތީގެ، ގެދޮރު ނެތް އެންމެންނަށް މާލެ ސަރަހަށްދުން ގޯތި ނުވަތަ ފްލެޓް މިއަހަރު ކަށަވަރުކޮށްދެއްވާނެކަމަށެވެ. އޭގެތެރޭގައި، މާލޭގެ ރައްޔިތުން، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ހިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ގެދޮރާއި ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމާއި، އެކަމަށް ވަށާޖެހޭ، ދެމިގެންވާ ޙައްލެއް ހޯއްދެވުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަޙައްދުގައި ޒަމާންތަކަަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.