ތ. ކަނޑޫދޫ ސްކޫލް ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ މައްސަަލައިގައި ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފިއެވެ.
މައްސަލާގައި ތުހުމަތުވާ ބިދޭސީ ޓީޗަރަކީ އިންޑިއާ ފިރިހެނެކެވެ. އޭނާ އަނިޔާކުރި ކަމަށް ބުނަނީ 11 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފުލުހުން އޭނަ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެއެވެ.
ފުލުހުން ބުނީ، އޭނާގެ ބަޔާން ނެގުމަށް ފަހު އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން، އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިމަހުގެ 26 ވަނަ ދުވަހު ހެނދުނުއެވެ. އެ ދުވަހު ފުލުހުން ބުނީ، ބިދޭސީ ޓީޗަރު ދަރިވަރުގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލާފައި ވާ ކަމަށެވެ. އެ ދަރިވަރަށް ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވެއެވެ.