އެހެން މީހުންގެ ރިހުންތަކާއި ވޭނާއި ދަތިތަކަށް އިހްތިރާމް ކުރާ ބަޔަކަށް ވާންވާނެ: ފަސްޓް ލޭޑީ

3c8d86df-ad01-4a8f-854d-c9c7119db556

އެހެން މީހުންގެ ރިހުންތަކާއި ވޭނާއި ދަތިތަކަށް އިހްތިރާމް ކުރާ ބަޔަކަށް ވާންވާނެ: ފަސްޓް ލޭޑީ

SHARE

އެހެން މީހުންގެ ވޭންތަކާއި ރިހުންތަކަށް އިހުތިރާމްކުރާ ބަޔަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި "ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މެޑަމް ވިދާޅުވީ، ދުނިޔަވީ ހަޔާތުން ފެންނަ ތަފާތު ކަންކަމަކީ އިލާހީ ގާނޫނުކަމަށާއި، ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް ފެންނަނީ އެކައްޗަކާއި އަނެއްކެއްޗަކާހުރި ތަފާތުކަންކަމަށެވެ.

އެކަން ގަބޫލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އިލްމީ ނަޒަރިއްޔާތަކުން ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ވޭންތަކާއި ރިހުންތަކަށް އިހުތިރާމްކުރާ ބަޔަކަށް ކަމަށާއި އިންސާނިއްޔަތުގެ މާތް ސިފަތައް އަށަގަތުމަކީ ތަހުޒީބު ގައުމެއްގެ ސިފައެއްކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ގަދަރާއި ހިތްވަރާއި އެެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަން ފާހަގަކުރައްވައި މެޑަމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ އަހުންނާއި އުހުތުންނާމެދު މުޖުތަމައުއިން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިފައިވާ މީހެއް ނޫން ކަމަށާއި އެހެންވެ ކޮންމެ މީހަކުވެސް އަނެކުންގެ ރިހުންތަކާއި ވޭންތަކަށް އިހުތިރާމް ކުރަންވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. މީގެއިތުރުން މެޑަމް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މިކަމަކީ އެތައް ރައްޔިތުންގެ ހިތްދަތި އިހްސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއްކަން ފާހަގަކުރައްވާފަ އެވެ.