މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަގްފު އިމާރާތް 'ދާރުލްއަރްގަމް’ގެ ބިންގާ އަޅައިފި އެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުުގައި ވަގުފް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
12 ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުގަމް ވަގުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވޭ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެ އެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ގާއިމްކުރާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެ އެވެ. އިމާރާތުގެ ރޫފްޓޮޕު ހަދަނީ އޯޕަން ޓެރަސްއެއްގެ ގޮތުގަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މި މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މި މަޝްރޫއު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ގަބޫލުކުރެ އެވެ. އެ އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިނިސްޓްރީން ލަފާކުރާއިރު އާމްދަނީގެ 20 އިންސަައްތަ ޖަމާކުރާނީ ޒަކާތު ހައުސްއަށެވެ. ބާކީ 80 އިންސައްތަ އިސްލާމިކް ވަގުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ރާއްޖޭގައި ވަގުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއު އެކެވެ. ދާރުލްއަރުގަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތަކާއި، މާލޭގައި ކީރިތި ގުރުއާނަށް ހާއްސަ ވަގްފު އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.