އަންނަ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި އެންމެ ޒަމާނީ އީގޭޓްތައް ހަރުކުރެވި ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
'އެކްސް' ގައި ކުރެއްވި ރައީސް މިހެން ވިދާޅުވީ، އީ- ގޭޓުތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން، ވީއައިއޭ ބޭނުންންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރު ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް އައު ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ނެވެ. 1 ޖެނުއަރީ 2026ގެ ކުރިން ވީއައިއޭގެ އައު ޓާމިނަލުގެ އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލްއެއްގައި 10 ގޭޓް ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރެވި ބޭނުންކުރަން ފަށާނެކަމަށް ވިދާޅުވި އެވެ. އަންނަ އަހަރު ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައިވެސް އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަންފެށޭނެކަމަށް ވިދާޅުވި އެވެ.
އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށް ހުޅުވި، ވީއައިއޭގެ އާ ޓާމިނަލާއެކު، މި ފަދަ ޒަމާނީ ގިނަ ހިދުމަތްތަކެއް ވަނީ ރާއްޖެއަށް ތައާރަފްވެފަ އެވެ. އަދި ދިވެހިރާއްޖެ 2.0 ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، މި ސަރުކާރުން އަހުމިއްޔަތުކަން ދޭ ކަމެކެވެ.