ގުދުރަތީ ގޮތުން ދަރިމައިނުވާ ދެމަފިރިންނަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުން ގާއިމްކޮށްފައިވާ "ފާޓިލިޓީ ކެއާ ފަންޑު"ން މި އަހަރު އައިވީއެފް ފަރުވާ ހަދަން 50 ދެމަފިރިއަކަށް އެހީދިނުމަށް، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުދަ ދުވަހު ފުރުސަތު ހުޅުވާލައިފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ބުނީ، މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް ކަމަށެވެ. އަދި ކަމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަަށް ހުޅުވާލާފައިވާއިރު ފޯމް ހުށަހެޅޭނީ "ވަން ގަވް ޕޯޓަލް" މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
އާއްމުކުރެވުނު އުސޫލުގައިވާ ގޮތުން އެހީއަށް އެދެވޭނީ، ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ ފަރާތްތަކަށެވެ. އަދި ދަރިމައިވުމުގެ އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް ޝަރުތެކެވެ.
އެންސްޕާ އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި ފަރުވާގެ އެހީ ފޯރުކޮށްދިން 93 އަންހެނުންގެ ތެރެއިން 23 މީހެއްގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް 2022 ވަނަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ސަރުކާރުން އައިވީއެފާއި އައިޔޫއައިގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި ހިދުމަތް ދެވޭ ފެންވަރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށްވެސް ނިންމާފައިވެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ތަރައްގީކުރާ ތަނެއް ކަމަށެވެ.