އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް ،ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު އެ ބަޖެޓު ފާސްކޮށްފި އެވެ.
ބަޖެޓް ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅި ގޮތަށް އެ ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ. ސައުދުﷲ ގެ ހުށަހެޅުއްވުން ފާސްކުރެއްވީ ކޮމިޓީގައި ތިއްބެވި 10 މެމްބަރުންގެ ވޯޓުން ނެވެ. ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓު ފާސްކުރުމުގެ ކުރިން އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ބައެއް އިދާރާތަކުގެ ބަޖެޓު އިތުރު ކުރުމަށް އެދުނު ނަމަވެސް، އެގޮތަށް ބޮޑުކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެކަމަކު، މަޖިލީހަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ބަޖެޓުގެ ތެރެއިން ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ދައްކަން ޖެހޭ 500 މިލިއަން ރުފިޔާގެ ސުކޫކާއި 100 މިލިއަން ޑޮލަރުގެ ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 54.9 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ ކުޑަ އަދަދެކެވެ.
ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ހޭދަވާނެ ކަމަށް ލަފާކުރާއިރު ދަރަނި ދައްކަން 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ މި އަހަރާ އަޅާބަލާއިރު 6.6 %ގެ ކުރިއެރުމެކެވެ. އޭގެ ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.