އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާންކޮށްފި އެވެ.
މި އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނުގައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެ އިއުލާނުގައި ވާގޮތުން، އީސީގެ މައި ޕޯޓަލް https://my.elections.gov.mv/ މެދުވެރިކޮށެވެ.
އޮފިޝަލުންނަށް ވާން އެދި ހުށަހެޅޭނީ 18 އަހަރުވެފައިވާ އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ މީހުންނަށެވެ.
އިންތިހާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާ އަށް 2،900ރ. ގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 2،600ރ. ރުފިޔާ، އޮފިޝަލުންނަށް 2،300ރ. ރުފިޔާ، ގުނާ އޮފިޝަލުންނަށް 1،800ރ. އަދި ރިޒާވް އޮފިޝަލުންނަށް 1،000ރ. ގެ އުޖޫރައެއް ވަނީ ކަނޑައަޅާފަ އެެވެ. މަސައްކަތްކުރާ ގަޑިތަކަށް ބަލައި ކެއުމާއި ސައިގެ އެލަވަންސާއި އިތުރުގަޑީގައި ފައިސާ ވެސް ލިބޭނެ އެވެ.
އީސީން ބުނީ އޮފިޝަލުން ތަމްރީން ކުރުމަށް ބާއްވާ ޕްރޮގްރާމް ޖެނުއަރީ 10-27 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ މާޗް 28 ގަ އެވެ. އެ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން ނިންމާފައި ވަނީ ޖެނުއަރީ 17 ގަ އެވެ.