ޔުމްނުގެ އާއިލާއިން އެއްބާރުލުމެއް ނުދޭ: ފުލުހުން

1746729624

ޔުމްނުގެ އާއިލާއިން އެއްބާރުލުމެއް ނުދޭ: ފުލުހުން

SHARE

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސާލާގެ ތަހުގީގަށް އެ މީހާގެ އާއިލާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޔުމުނު ދައުލަތުގެ ޚަރަދާއި، އާންމުންގެ އެހީއާއި އެކު މެލޭޝިއާއަށް ދިޔަތާ މިހާރު ވަނީ މަހެއް ވާން ގާތް ވެފަ އެވެ. ޔުމުނު ވެއްޓުނު ހާދިސާއަށް މަހެއްވެފައިވަނިކޮށް އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުލުހުން މި މައްސަލާގެ ތަހުގީގު ވަކިކޮޅަކަށް އަނބުރާލަން އުޅޭ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔުމްނުގެ އާއިލާގެ އެއްބާރުލުން ލިބުން އޭނާގެ ބަޔާން ނެގުމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ.

އެގޮތުން ޔުމްނު މެލޭޝިއާ އަށް ގެންދިޔަ ދުވަހުން ފެސިގެން ދެ ފުލުހަކު މެލޭޝިއާގައި އެބަތިބި ކަމަށާއި އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރަކު ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"މިއަދާ ހަމައަށް ތަކުރާރުކޮށް މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަ ކުރަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުން ބުނީ ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރި އިރު އެ މައުލޫމާތު ވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

"ނަމަވެސް އެއްބާރުލުން ލިބިފައި ނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކާ މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

މި ހާދިސާއަށް ފަހު ޔުމްނު މެލޭޝިއާއަށް ދިޔަ ފަހުން 2 ސާޖަރީއެއްކޮށްފައިވާކަން އާއިލާއިން ސޯޝަލް މީޑިއާގައި އާންމުށްފައިވެ އެވެ. އަދި އޭގެ ފަހުން ޔުމްނު ހޭ އަރައި އާއިލާއަށް ހާދިސާއާ ގުޅޭ ތަފްސީލް ދީފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އެކަމަކު އެފަދަ އެއްވެސް ބުރަދަނެއް ހުރި މައުލޫމާތެއް އާއިލާއިން އާންމުކޮށްފައެއް ނުވެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޔުމުނު ވެއްޓުނު ހ. ފެންޓަނޯއި ގޭގައި ޔުމްނު އާ އެކު ހުރި ކަމަށް ސީސީޓީވީ ފޫޓެޖްތަކުން ފެންނަ ރައުދު އަހުމަދު ޒިލާލެވެ.