މި ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ ސިޔާސަތާ އެކު ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މުއްތަލިބު މިފަދައިން ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށްވާ "ބޯހިޔާވަހިކަން އެންމެނަށް" އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.
މިނިސްޓަރު ވިދާޅުވީ، އަމިއްލަ ބޯހިޔާވަހިކަމެއް ލިބި، އަބުރުވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެވެސް އުއްމީދުކަމަށާއި، މި ސަރުކާރުން އެ އުއްމީދު ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ މި ސަރުކާރުން ގޯއްޗާއި ފްލެޓަށް އިއުލާނުކޮށް ދޫކުރުމުގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ބަލާނެ ކަމަށާއި އެއްވެސް ވަރަކަށް ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް އެ ސްކީމްތަކުން އިސްކަން ދޭނެ ކަމަށެވެ.
"މިރޭ މި އިއުލާންކުރެވޭ ޕްރޮގްރާމު ހާއްސަކުރެވިފައިވަނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް. ކުއްޔަށް އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހިފައިވާ ފަރާތްތަކަށް. އަމިއްލަ ބޯހިޔާވަހިކަމުގެ ރައްކާތެރިކަމުގެ އިހުސާސް ކުރެވިފައިނުވާ ތުއްތު ކުދިން ތިބި އާއިލާތަަކަށް. ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ އެއްކޮށް ކުއްޔަށް ދީގެން އުޅެން ޖެހިފައިވާ އާއިލާތަކަށް. " މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދީ، އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ހޯދައިދެވޭނެ އެވެ.