ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ޑްރަގުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތާއިއެކު ރާއްޖެއިން ޑްރަގުގެ ވަބާ އެކީ ނައްތާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ އެވަގުތަކަށް އެންމެ މަގުބޫލު ނިންމުން ނޫން ކަމަށާއި، ބޭނުންވަނީ ރަނގަޅު ނިންމުންތައް ނިންމަން ކަމަށެވެ. އެގޮތުން، ބުރާސްފަތި ދުވަހު 500 އަށްވުރެ ގިނަ ފުލުހުން ނުކުމެ ހިންގި ބޮޑު އޮޕަރޭޝަނުގައި ޑްރަގުގެ ވިޔަފާރިކުރާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް ތަކެތި އަތުލައިގަނެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
މި އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށްދާނެ ކަމަށާއި، މިކަންކަމުގައި އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުދިކުދި އިޖުރާއީ ކަންކަމުގައި ޖެހިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިނިވަންވެގެން ދިޔުމަކީ ދައުލަތާއި ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާނޫނަށް ގެންނަ އިސްލާހުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރުމަށް މިހާރު މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ފާސްވާއިރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަނޑައެޅިގެންދާނެ ކަމަށެވެ.
ޒުވާނުންނަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ބައެއް ކަމަށާއި، ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމަތްކޮށް، މުޖުތަމައުއަށް އަނބުރާ ގެނެސް، އާބުރުވެރި ޒުވާނުންނަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.