ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ 85% ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދީފި އެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލްތައް ހިއްސާކުރަމުން އެމްޓީސީސީން ބުނެފައިވަނީ، މަސައްކަތުގެ 85% ނިންމައި ސާވިސް ލައިން ހަރުކުރުމާއި، ފެން ހިއްކުމުގެ ނިޒާމު ގާއިމްކުރުމާއި، ސައިޑްވޯކް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، ސަބް ބޭސްގެ މަސައްކަތްތައް މި ހަފްތާގައި ފެށުމަށް ރާވާފައިވާކަމަށްވެސް ބުނެފައިވެ އެވެ.
144 މިލިއަން ރުފިޔާއަށް ހިންގާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރެވޭއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަގު 4 ލޭނަށް ތަރައްގީކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދެވިފައިވަނީ 1 އަހަރާއި 3 މަސް ދުވަހުގެ މުއްދަތެކެވެ.