މައްކާ ރޫޓު އިނީޝިއޭޓިވް ގައި ރާއްޖެ ދާއިމީ ކުރުމަށް ނިންމައިފި އެވެ.
މި ނިންމުން އިއުލާނުކުރެވުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މައްކާ ރޫޓްގެ ސުޕަވައިޒަރީ ކޮމެޓީއާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ. މައްކާ ރޫޓްގެ ދަށުން ހައްޖުގެ ހިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީން މިއަދު ބުނެފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މިދިޔަ ހައްޖަކީ ރާއްޖެއަށް މައްކާރޫޓްގެ ތަޖުރިބާގެ ފުރަތަމަ ފަހަރު ކަމުން، މިކަމާމެދު ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަަަސްޓަމްސްއާއި އިމިގްރޭޝާނާއި މޯލްޑޮވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ވަނީ ފާހަގަ ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ހޯމް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ދާއިމީ ގޮތެއްގައި މައްކާރޫޓް ރާއްޖެއަށް ހަމަޖެހިގެން ދިއުމަކީ ހައްޖުގެ އަޅުކަމުގެ ދަތުރު ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމެކެވެ.