ފުވައްމުލަކު ސިޓީގެ ފެން ތަގައްޔަރުވެ، ވޯޓާ ސަޕްލައި އަށް ދިމާވި މައްސަލަ ވަރަށް އަވަހަށް ހައްލުކުރެވޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ފުވައްމުލަކުގައި ހުންނަ ފެނަކައިގެ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެއިން ފެށިގެން އެ ސިޓީއަށް ފެން ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާއިރު، 'އެކްސް؛' ގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އެކަމުގެ ތަފްސީލްތައް ހިއްސާކުރައްވާފަ އެވެ.
ހީނާ ވިދާޅުވީ ފެނުގެ މައްސަލަ ކުރިމަތި ވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލަކަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފެށި ކަމަށެވެ. އެގޮތުން، މިހާތަނަށް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ގެންދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް 1200 ކޭސް ފެން އެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާއިރު، އިތުރު ބޯފެން ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި އެ ސިޓީގެ ފެން ތަގައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތަށް ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
"ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ. ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުން." ހީނާ ވިދާޅުވި އެވެ.