ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު މޫސާ އަންވަރަށް އަރުވައިފިއެވެ.
އައްޑުއަތޮޅު މީދުއަށް އުފަންވެވަޑައިގަތް މޫސާ އަންވަރަށް މި ޝަރަފު އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒެވެ.
އަންވަރު ސިއްހީ ދާއިރާއާ ގުޅިވަޑައިގެންނެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް މޫސާ އަންވަރު ހޯއްދަވަން ފެއްޓެވިއެވެ. އަދި އެއަށްފަހު، ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައްވެސް ކުރެއްވިއެވެ. ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭ.އާރް.އޭ.އެފް އިން ދެއްވި އޭ.އޯ.ސީ.ގެ ކޮމެންޑޭޝަން ވެސް އޭނާ އަށް 1975 ވަނަ އަހަރު ލިބިވަޑައިގެންފައިވެ އެވެ.
1977 ވަނަ އަހަރު، އޭރުގެ ރައީސް އިބްރާހީމް ނާސިރުގެ އެދިވަޑައިގަތުމަކަށް މާލެ ވަޑައިގެން މޫސާ އަންވަރު، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަންނެވި އެވެ. އެއަށްފަހު 1979 ވަނަ އަހަރު، ދާއިރާއިން އިތުރު ތައުލީމު ހާސިލުކުރެއްވުމަށް އިނގިރޭސިވިލާތައް ވަޑައިގަތެވެ. އެނބުރި ވަޑައިގެން މަސައްކަތްކުރެއްވީ، އެލައިޑް ހެލްތު ސާވިސަސް ޓްރޭނިން ސެންޓަރުގެ ޓިއުޓަރެއްގެ ގޮތުގައެވެ. އެ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުވެސް މޫސާ އަންވަރު ފުރުއްވިއެވެ.
އެއަށްފަހު ސަރުކާރުގެ ސިއްހީ ވުޒާރާއާ ގުޅިވަޑައިގެން، އެ ވުޒާރާގެ އެކި މަގާމުތައް ފުރުއްވައި، ގިނަ ހިދުމަތްތަކެއް ކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި އޭރުގެ ސަރުކާރުން ކުރައްވަމުން ގެންދެވި ގިނަގުނަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޫސާ އަންވަރުގެ އެންމެ އަގުހުރި އެއް މަސައްކަތަކީ، ތެލެސީމިއާ ފަރުވާގެ ހިދުމަތް ރަނގަޅުކުރުމަށާއި، ތެލެސީމިއާ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް އަދާކުރެއްވި ދައުރެވެ. އެގޮތުން ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ޅަފަތުގައި، އެ ސެންޓަރުގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވެ އެވެ.
ކ. ގުރައިދޫގައި ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވީ މޫސާ އަންވަރު ވަނީ ސެންޓްރަލް ހޮސްޕިޓަލްގެ ހިދުމަތްތައް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރުހަލާގައިވެސް، ފަންނީ މުއައްޒަފުން ހޯދުމުގެ މަސައްކަތް ކުރައްވާފަ އެވެ. މޫސާ އަންވަރު އެންމެފަހުން ހިދުމަތް ކުރެއްވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. އެ އޮތޯރިޓީ ގާއިމުކުރައްވައި، އެ އޮތޯރިޓީގެ މަސައްކަތްތައް ފުޅާކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.
މޫސާ އަންވަރު، ރާއްޖޭގެ ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ. އޭގެތެރެއިން 30 އަހަރަށްވުރެ ގިނަ ދުވަސް، ހޭދަކުރެއްވީ ދައުލަތުގެ ހިދުމަތުގައެވެ. މޫސާ އަންވަރު، ދައުލަތުގެ ވަޒީފާއިން ރިޓަޔާ ކުރެއްވީ، 23 ޖުލައި 2009 ގައެވެ.