ދިވެހި ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއް ގައުމަށް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ރައީސް ވިދާޅުވީ، "ދިވެހީންގެ ރާއްޖެ" ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ހާސިލްކޮށްދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ހަޒްރަތުން ވާގި އެދިތިބެ، އިހްލާސްތެރިކަމާއެކުގައި ކަމަށެވެ.
ރައީސް ވަނީ ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ރައްޔިތުން ފަހުރުވެރިވާނޭ ތަމައްދުނާއި ތަރައްގީގެ އުޖާލާ ދުވަސްތަކެއްނގައުމަށް ހޯދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.
ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމުކުރެވުނު ދުވަހެވެ. މިއަދު ފާހަގަކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ގާއިމުކުރެވުނުތާ 57 އަހަރު ފުރޭ ދުވަހެވެ.