މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް އީ-ވިސާގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ހިދުމަތް ތައާރަފްކުރީ މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ބޭއްވި ހާއްސަ ހަފްލާގަ އެވެ. މި ހަފްލާގައި ޕާސްޕޯޓުގެ ކަންކަން ކުރުމަށް ހާއްސަ މޮބައިލް އެޕާއި އިމިގްރޭޝަންގެ ވެބްސައިޓް ރީލޯންޗުކޮށްދެއްވާފައި ވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0′ މަޝްރޫއުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެ 2.0 ގެ ތަސައްވަރަށް އަމަލީ ސިފަ ގެނެސްދެއްވައި، އެ ހުވަފެން ހަގީގަތަކަށް ހައްދަވައި، ތަރައްގީއަށް ފަހެލި ބަދަލުތަކެއް ގެނެސްދެއްވައި، ރާއްޖޭގެ ކުރިއެރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން މިއަދު ވަނީ ހަނދާނީ ހަދިޔާއެއް އަރުވާފަ އެވެ.
މި ހަދިޔާ އެމަނިކުފާނަށް އަރުވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އަދި ކޮންޓްރޯލާ ފަސީހެވެ. މި އަހަރަކީ މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދޭތާ 75 އަހަރު ފުރޭ އަލިމަސް ޔޫބީލް އަހަރެވެ.