ޖެނެރޭޝަނަލް ބޭން ބިލު ތަސްދީގުކުރައްވައިފި

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރެއްވުމުގެ ރަސްމިއްޔާތު

ޖެނެރޭޝަނަލް ބޭން ބިލު ތަސްދީގުކުރައްވައިފި

SHARE

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ބިލު ތަސްދީގު ކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަަދު ބިލް ތަސްދީގު ކުރި ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް ގެންނަ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރަން ފަށާނީ މި އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ.

ދުންފަތުގެ ބާވަތެއް ގަންނަނީ ކާކުކަން ނޭނގޭ ފަދަ ގޮތަކަށް ވެންޑިން މެޝިނަކުން ނުވަތަ އޮންލައިންކޮށްނާއި ޕޯސްޓް މެދުވެރިކޮށް ވެސް ވިއްކައިގެން ނުވާނެ ކަމަށާއި ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރުވެފައިވާ އަދި 1 ޖެނުއަރީ 2007 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ބިލު ތަސްދީގު ކުރެެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ބިލާއެކު މި މައްސަލައަށް ވަށާޖެހޭ ހައްލެއް ލިބިދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މީގެކުރިން ވޭޕް މަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެނައިރު، ތަންފީޒު ކުރުމުގައި ބައެއް ދަތިތައް ހުރި ނަމަ ވެސް މި ބިލުގައި އެ އާލާތްތައް އަތުލުމާ ހަމައިން ފެށިގެން އަމަލު ކުރާނެ ގޮތުގެ އިޖުރާތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަހަރުތަކެއް ފަހުން ރާއްޖޭގައި އޮންނާނީ ދުންފަތުން މުޅީން ސަލާމަތްވެފައިވާ މުޖުތަމައުއެއް ކަމަށާއި އެކަމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ގައުމު ބިނާ ކުރުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރާނީ އަދުގެ ޒުވާނުން ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން މުޖުތަމައު ރައްކާތެރިވެ، އުފެއްދުންތެރިކަން އިތުރުވެ ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.