ކެއިންބުއިމުގެ ރަނގަޅު އާދަތަކާއި ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދޭ މަސައްކަތް ކުރާއިރު، ކާބޯތަކެތި ވިއްކާ ތަންތަނުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކާނާ ލިބެން ހުންނަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ "ދުޅަހެޔޮ ދިރިއުޅުން އުފާވެރި މުޖުތަމައު" ކެމްޕެއިން އިފްތިތާހްކުރުމަށް ކ ގުރައިދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ރަނގަޅު އާދަތަކުގެ މައުލޫމާތު މީހުންނަށް ފޯރުކޮށްދޭއިރު، ކާބޯތަކެތި ވިއްކައި އެތަކެތި ފޯރުކޮށްދޭ ތަންތަނުގައި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭފަދަ ކާނާ ލިބެން ހުންނަންވާނެ އެވެ. އަދި، ގައިންގައަށް އަރާ ނުއްކާތެރި ބަލިތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭއިރު، އެފަ ބަލިތައް ފެތުރުމަށް މަގުފަހިވާ ގޮތަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަންޖެހޭނެ ކަމުގައިވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
މީގެއިތުރުން، ހަރަކާތްތެރިކަމާއި ކަސްރަތުގެ މުހިންމުކަމުގެ މައުލޫމާތު ދޭއިރު، ދުވަހުގެ ތާވަލުން އެ ކަމަށް ވަގުތު ހުސްކުރެވެންޖެހޭ ކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި، ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި ކެއިންބުއިމުގެ އާދަކާދަ ބެހެއްޓޭ ގޮތުން، ސިއްހަތަށް ލިބޭ ގެއްލުންތަކާ މެދު ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތެއްގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ރަނގަޅު އާދަތައް ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމެއްގެ ތަޅުދަނޑިކަމަށެވެ.
ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކާ، މިއަދު މި ފެށުނު މުހިންމު ގައުމީ ކެމްޕޭނުގައި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިނަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަގްސަދުގައި ހިންގާ ކެމްޕޭނެކެވެ. "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" މި ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ، ދެމެހެއްޓެނިވި އާއްމު ސިއްހަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފަ އެވެ.