ދަގަނޑު އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
މިނިސްޓްރީއިން ބުނި ގޮތުގައި، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނަށް އެކަންޏެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އަދި އޮޕަރޭޓްކުރާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ލޭންޑިން ކްރާފްޓާއި ޓަގް އަދި ބާޖު ފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށް، އިތުރު ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އާންމުކޮށް އިއުލާންކޮށްފަ އެވެ.
މި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމިކަމުގެ ސަނަދު އޮތް، އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާ އެކަށީގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަ ށެވެ.
އަދި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝްކޮށްގެން ދަތުރު ފެށުމަށްވެސް ސަމާލުކަން ދިނުމަށް އިއުލާނުގައި ވެ އެވެ.