ލޭންޑިން ކްރާފްޓް ދުއްވީ ލައިސަންސް ނެތް މީހެއް، ފިޔަވަޅު އަޅަން ފަށައިފިން: އެމްޕީއެލް

l_2025_11_02_045250_bncv7d53j9r6ah2pikxsloqw18zfumgyte4_EN_-400x400

ލޭންޑިން ކްރާފްޓް ދުއްވީ ލައިސަންސް ނެތް މީހެއް، ފިޔަވަޅު އަޅަން ފަށައިފިން: އެމްޕީއެލް

SHARE

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި އެކްސްކެވޭޓަރު އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިން ކްރާފްޓް ދުއްވަން އިނީ ލައިސެންސް ނެތް މީހެއްކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

މި މަހުގެ ދެވަނަ ދުވަހު ލޭންޑިން ކްރާފްޓަކަށް ދެ އެކްސްކަވޭޓަރު ބަރުކުރުމުގެ ތެރޭގައި، ބަންޑުން ޖަހާލައި ހިނގި ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ. މި ހާދިސާއާ ގުޅިގެން އެމްޕީއެލްއިން ވަނީ އެތެރޭގެ ތަހުގީގެއް ފަށާފަ އެވެ. އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގުގެ ތެރެއިން ހާދިސާ ހިނގި ގޮތާއި، މިހާތަނަށް ފާހަގަކުރެވުނު މައްސަލަތަކާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް، މި ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްޕީއެލްއިން ފާހަގަކޮށްފައިވާ މުހިންމު ކަންކަން:

  1. 02 އެކްސްކެވޭޓަރ އެރުވުމަށް ކޮންސައިނީ (މުދާ އެތެރެކުރި ފަރާތް) ހަމަޖެއްސި ލޭންޑިންގ ކްރާފްޓް ދުއްވަން ހުރި ކެޕްޓަނަކީ މިފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫންކަން.
  2. ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަން.
  3. ލޭންޑިންގ ކްރާފްޓްގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން އެފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަން.
  4. ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއްކަން.
  5. މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ލޭންޑިންގ ކްރާފްޓްގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓްގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރ ޕޯޓް ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބުކަން.

އެފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންތަކުގައި މުދާ ގެންނަ ފަރާތުން މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިންގެ ފެންވަރު ވަޒަންކުރުމާއި ލައިސަންސް ޗެކުކުރުން ފަދަ ކަންތައްތަކަކީ، އުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫންކަމުގައި އެމްޕީއެލްއިން ބުންޏެވެ. އެކަމަކު، އުސޫލު މުރާޖާކޮށް، ބަދަލުކުރެވިފައިވާ ކަމަށް އެމްޕީއެލް އިން ބުންނެވެ.

ކުންފުނީގެ އެތެރޭގެ ތަހުގީގަށް ރިޔާއަތްކޮށް އެމްޕީއެލް އިން ވަނީ މިހާރު ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާފަ އެވެ. އޭގެތެރޭގައި ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ހާއްސަ އޮަޕަރޭޝަންތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރުން ހިމެނެ އެވެ.

ބަރު ވެހިކަލްތަކާއި، ޕްރޮޖެކްޓްތަކުގެ ކާގޯ އަދި އެހެނިހެން ބަރު މުދާ މިފަދަ އޮޕަރޭޝަންސްތަކުގައި ބޭލުން ފަދަ ކަންކަން ކުރުމަށް އެމްޕީއެލްއަކީ ފަންނީ އަދި ޢަމަލީ ތަޖުރިބާ ލިބިފައިވާ ގާބިލު މުވައްޒަފުންތަކެއް ތިބި ކުންފުންޏެއްކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކޮށްފައިވާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

"މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ބައެއް މީޑިއާތަކުން އާންމުކޮށްފައިވާ ޚަބަރުތަކުގައި، މި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންނާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ހަޤީގަތާއި ހިލާފު މަޢުލޫމާތު ފޯރުކޮށްދީފައިވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. މި ކުންފުނީގެ އިލްތިމާސަކީ މިފަދަ ހައްސާސީ ދަނޑިވަޅުތަކުގައި، މިފަދަ މަޢުލޫމާތު އާންމުކުރުމުގައި ހަޤީގަތާއި އެއްގޮތަށް ހަބަރު ފެތުރުމެވެ." އެމްޕީއެލް އިން ނެރުނު ބަޔާނުގައި ވެއެވެ.