ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުމަކީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދިޔަ ބިންގަލެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސިފަކުރައްވައިފި އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން 206 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގަ އެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތައް ބައްޓަންކޮށްފަައިވަނީ ރައްޔިތުންނާއި ކައުންސިލުތަކުން ބޭނުންވާ ގޮތަށް ކަމަށެވެ. ޖުމްލަ ނުވަ ދާއިރާއަކުން މަޝްރޫއުތައް ކުރިއަށްގެންދަން ތަފާތު 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
ޒަމީރު ވިދާޅުވީ، މި މަޝްރޫއުތައް، ސަރުކާރުން ކަނޑައަޅާ ޕާފޯމަންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާތަކާ ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ގާއިމްކުރެވޭނެ ކަމަށެވެ. އެއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއްކަމަށާއި، މި ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުންކަމުގައި އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ، މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް ކަމަށެވެ. އަދި މި މަޝްރޫއުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ، ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެކަމަށެވެ. އަދި، މި އެއްބަސްވުންތައް ހިމެނޭނީ އާންމު އިންވެސްޓްމަންޓް ފްރޭމްވޯކުގެ ތެރޭގައި މޮނިޓަރިން އިންތިޒާމު ހިމެނޭ ގޮތަށްކަން ފާހަގަކުރައްވައި، މިކަމުން ބޭންކުތަކަށްވެސް ފައިދާ ލިބި އިތުރު މަޝްރޫއުތަކަށްވެސް ފައިސާ ފޯރުކޮށްދޭން މަގުފަހިވެގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.