ސިޓީ ހޮޓަލެއް ހިމެނޭގޮތަށް ފުވައްމުލަކު ސިޓީގައި އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބާއްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ފުވައްމުލަކުގައި ސިޓީ ހޮޓަލެއް ގާއިމުކުރުމުގެ މަޝްރޫޢުއާއެކު އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ އެވެ.
އެ ދެ މަޝްރޫގެ އިތުރުން، އެ ސިޓީގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް އެޅުމުގެ މަސައްކަތް އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފަ އެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޓޫރިޒަމް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
މީގެއިތުރުން އެ ރަށުގެ އިސްލާމީ މަރުކަޒަކާއި ޔޫތު ތާޑް ސްޕޭސްއަކާއި ބަނދަރެއްގެ އިތުރުން 75 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ވަނީ ހަވާލުކޮށްފަ އެވެ.