ގަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސެކަންޑް ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް" ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރޭ ފުރާވަޑައިގެންފި އެވެ.
މި މަހުގެ 4 އިން 6 އަށް ކުރިއަށްދާ މި ސަމިޓްގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖްތިމާއީ ތަރައްގީ ކުރިއެރުވުމާއި، ފަގީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާ، ޝާމިލް މުޖްތަމައެއް ބިނާ ކުރުމާ ބެހޭގޮތުން، މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެވޭނެ އެވެ. މި މަޝްވަރާތައް ކުރިޔަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުވައިގެން ނެވެ.
އެންމެފަހުން ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައެވެ.
މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.