އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅައި، ދެ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ރައީސް މިގޮތަށް ކަނޑައަޅުއްވާފައިވަނީ މިފަހުން އައްޑޫގައި ނެގި އާއްމު ވޯޓުގެ ނަތީޖާއާއި އެއްގޮތަށެވެ. އެ ވޯޓުން ދައްކާ ގޮތުގައި ހުޅުދޫ އަދި މީދޫގެ ރައްޔިތުން ބޭނުންވަނީ ވަކި ކައުންސިލެކެވެ.
އެއާއެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނެރުއްވި ގަރާރުގައި ވަނީ "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށް ކަނޑައަޅާފައެވެ. އަދި "އައްޑޫ" ގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އެ ގަރާރުގައި ވާގޮތުން "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އަދި "އައްޑޫ މީދޫ" ހިންގުމަށްޓަކައި، ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވަނީ ކަނޑައަޅާފަ އެވެ.
މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އަދި އެ އިންތިހާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިހާބުކުރަން އިންތިހާބެއް ބޭއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.