ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވައިފި އެވެ.
ރައީސް މައުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ އެރުވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މައުމޫނަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ އެރުވީ އެ ދުވަހު ދިން އުދުވާނީ ހަމަލާގައި ރައީސަކަށް ހުންނަވައިގެން އެމަނިކުފާނު ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލާގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުން ނެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި 8 ސިފައިންނާއި އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހި ހާއިނުންތަކެއް ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިން އުދުވާނީ ހަމަލާއިން ދިވެހި ސިފައިން ގައުމު ސަލާމަތްކުރި ތާރީހީ ދުވަހެވެ.