ދިވެހިންގެ އުއްމީދުތަކުގައި ކުލަޖައްސަދޭނީ ގައުމުގެ މަސްހަލަތަށް އިސްކަންދޭ މުރާލި އިހުލާސްތެރި ދިވެހި ދަރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާަހަގަކުރަމުންދާ ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެވެ. ރައީސް ވިދާޅުވީ، މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހްލާސްތެރިން ކަމަށެވެ.
މީގެއިތުރުން، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެ ދިފާއުކޮށްދިން ދަރިން ސާބިތުކޮށްދިނީ، ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ އަގުހުރި ދަރީން މި ގައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުއާކުރަމުން، ރައީސް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވާފަ އެވެ.
ނަސްރުގެ ދުވަހަކީ ދިވެހި ހާއިނުންތަކެއް ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިން އުދުވާނީ ހަމަލާއިން ދިވެހި ސިފައިން ގައުމު ސަލާމަތްކުރި ތާރީހީ ދުވަހެވެ.