ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މައުމޫނަށް ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމުގެ އިތުރުން އެ ދުވަހު ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މިގޮތަށް ރައީސް ނިންމެވީ، ރައީސް އޮފީޙުން ބުނިގޮތުގައި ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސް މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލާގައި ޘަހީދުވި ސިފައިންނާއި އާންމުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުން މެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި 8 ސިފައިންނާއި އާއްމުންގެ 11 މީހަކު ޝަހީދުވި އެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވެސް ވާހަކަދައްކަވާނެ އެވެ.