ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް މިއަދު ހުޅުވާލައިފި އެވެ.
ކަށިމިޔަރުގެ މަސްވެރިކަން އާއްމުކޮށް ހުޅުވާލައި ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމާ ބެހޭ މެނޭޖްމަންޓް ޕްލޭން އަދި އެ ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިފައިވާ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މިނިސްްޓްރީން ބުނިގޮތުގައި މެނޭޖްމަންޓް ޕްލޭން އަދި ގަވާއިދުގެ އެންމެ ބޮޑު މަގުސަދަކ، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، ޒިންމާދާރު ގޮތެއްގައި ކަށިމިޔަރުގެ މަސްވެރިކަން ބެލެހެއްޓުމެވެ.
ކަށިމިޔަރުގެ މަސްވެރިކަމާއި އެ މަސްވެރިކަމާ ގުޅުންހުރި ވަސީލަތްތަކާ ގުޅޭގޮތުން މިވަގުތު ލިބެން ހުރި މައުލޫމާތަށް ބިނާކޮށް އެކުލަވާލާފައިވާ މި ޕްލޭން ފަރުމާކޮށްފައިވަނީ ކަށިމިޔަރުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ، އޭގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ ގޮތަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ހިއްސާ އޮންނަ އާންމު މުދަލުން ނަފާ ހޯދަމުންދާ އެހެނިހެން ފަރާތްތަކަށް ލިބޭ މަންފާ މަދު ނުވާނެ ފަދަ ގޮތަކަށް ރޭވިގެން، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން މާއްދާތަކެއް ގަވާއިދުގައި ހިމަނާފައިވެ އެވެ.
އެ ގަވާއިދުގައި ވަނީ މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތައް ލައިސަންސްކުރުމުގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިން ޑިވައިސް އެއް ހަރުކުރަންޖެހޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި މަސްވެރިކަމުގެ ލައިސަންސް އެންމެ ގިނައިން ދޫކުރެވޭނީ 40 އުޅަނދަށް ކަމަށާއި މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަޙައްދުތަކުގައި ކަމަށް ކަނޑައަޅާފައިވެ އެވެ.
ގަވާއިދުގައިވާގޮތުން، އެހެން ގޮތަކަށް އަންގަންދެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރުން، ފަރުތަކާއި ފަޅުތެރޭގައި އާންމުކޮށް އުޅޭ މިޔަރާއި ފަރުގެ އުފެއްދުންތެރިކަމުގައި މުހުއްމު ދައުރެއް އަދާ ކުރާ އެހެނިހެން ބާވަތްތައް މި މަސްވެރިކަމުގައި ހިފޭ މިންވަރު މަދުކުރުމަށްޓަކައި، އަދި މި މަސްވެރިކަމުގެ ސަބަބުން އެބާވަތްތަކަށް ލިބިދާނެ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި ވެސް ފިޔަވަޅުތައް ވެސް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެެވެ.