ސަރުކާރުގެ ސިޔާސަތުތަކާއި ނިންުނުންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދިން ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
މިއަދުން ފެށިގެން ސަރުކާރުން ވަނީ 3 ނިންމުމެއް ތަންފީޒުކުރަން ފަށާފަ އެވެ. އެއީ:
- 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެންމެނަށް ކަނޑައަޅާފައިވާ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން
- ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
- .ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒްކޮށް، މުސާރަ ބޮޑުކުރުން.
މިކން ފާހަގަކުރައްވާ ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެނަށާއި އެއްބާރުލުންދިން ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި، އެކަންކަން ތަންފީޒުކުރުމުން ފައިދާވާނެ އެންމެންނަށް އެމަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފެށުމާއެކު 2007 ގައި އުފަންވި އަދި އޭގެފަހުން އުފަންވާ ދިވެހީންނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިއްކުމުގެ އެއްވެސް އަމަލެއް ހިންގުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ އަމަލެއްކުރާނަމަ އެކަމުގައި ޖޫރިމަނާއާއެކު ގާނޫނީ އަދަބު މިއަދުން ފެށިގެން ދެވޭނެ އެވެ.