ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމަށް ނިންމައި އިއްޔެ ކުރި އިއުލާނު ބާތިލުކޮށްފި އެވެ.
މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މީޑިއާތަކަށް ހުޅުވާލީ މިދިޔަ އޮގަސްޓު މަހު އެވެ. އެ އިއުލާނުގެ ދަށުން މާލީ އެހީ ހަމަޖެހިފައިވާ 18 މީޑިއާގެ ލިސްޓު އިއްޔެ އާއްމުކުރި އެވެ. އެކަމަކު އާއްމުންގެ ފާޑުކިއުމާއި ކަންބޮޑުވުންތަކާއެކު، ސަރުކާރުން މިހާރު ވަނީ އެ އިއުލާނު ބާތިލުކުރުމަށް ނިންމާފަ އެވެ.
އިންފޮމޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މާލީ އެހީ ދިނުމުގެ އުސޫލު އެކުލަވާލީ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކު ކަމަށެވެ. އެކަމަކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ ކަންކަން ދެން ބަލަހައްޓަން ޖެހޭނީ އެ ކޮމިޝަނުން ކަމަށް ފާހަގަކޮށްފަ އެވެ.
އެހެންވެ، މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެ ކޮމިޝަން ކަމަށް މިނިސްޓްރީން ގަބޫލުކުރާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އެހެންވެ މާލީ އެހީ ދިނުމަށް ކަނޑައެޅި މީޑިއާތަކުގެ ލިސްޓު ހިމެނޭ އިއުލާނު ބާތިލުކޮށް، އެ މަސައްކަތް އެމްއެމްބީސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.