ނަސްރުގެ ދުވަހާ ގުޅިގެން ބާއްވާ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމަށްޓަކާ، މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މިލިޓަރީ ޑިސްޕްލޭއަށް ތައްޔާރުވުމުގެ ގޮތުން ރިހާސަލްތައް ބޭއްވުމަށް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް މެންދުރު ފަހު 3:30 އިން 6:00 އަށް އަދި ރޭގަނޑު 11:00 އިންފެށިގެން މަގުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ބަންދުކުރެވޭނެ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާއި، އަމީރު އަހުމަދު މަގު ހިމެނެ އެވެ. މީގެ އިތުރުން ރިހާސަލްތަކާ ގުޅިގެން ފަޅުތެރެއިން ބަންދުކުރެވޭ ސަރަހައްދުތަކާއި، އެއްގަމު އުޅަނދަށް ބަންދުކުރެވޭ ސަރަހައްދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ބަންދުކުރެވޭ ސަރަހައްދުތަކެއް ވެސް ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.
ފުލުހުން ވަނީ މި ދުވަސްތަކުގައި އެ ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކާއި ހިގާ ބިގާވެ އުޅޭ ފަރާތްތަކުން ޓްރެފިކް ފްލޯގެ ބަދަލުތަކަށް ސަމާލުވެ، އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.